ޒެލެންސްކީގެ ހެދުމުން ދޭ މެސެޖް: ދަތި ހާލަތުގައި ވެރިންނާއި ރައްޔިތުން ތިބެން ޖެހޭނީ އެއްސަފެއްގައި

ޔުކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ އާންމުކޮށް، ރަސްމީ އެކިއެކި ހަފްލާތަކުގައި އާއި މުނާސަބަތު ތަކުގައި، ތުރުކުރައްވާ ސޫޓު ބަދަލުގައި އަސްކަރީ ހެދުން ތުރުކުރެއްވުމަކީ ވަރަށް މުހިންމު މެސެޖެއް ދުނިޔެއަށް ފޮނުވާ ކަމެކެވެ. މިއީ ހަމައެކަނި ފަސޭހައަށް އަޅާ ހެދުމެއްގެ ގޮތުގައި ދެކެވިގެން ނުވާނެއެވެ. މިއީ އެއަށް ވުރެ ފުން މާނަތަކެއް އެކުލެވިގެންވާ ކަމެކެވެ. މިއީ ޔުކްރެއިންގެ މިހާރުގެ ހާލަތު ދުނިޔެއަށް ދައްކުވައިދޭ ސާފު މެސެޖެކެވެ.
ޒެލެންސްކީ އަސްކަރީ ހެދުން ލައްވައިގެން އުޅުއްވުމުން ދޭހަވަނީ ޔުކްރެއިން މިވަގުތު ވެސް އޮތީ މިނިވަންކަމަށްޓަކައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި ކަމެވެ. އެ ގައުމު މިހާރު އޮތީ އާންމު ހާލަތެއްގައި ނޫންކަމެވެ. ރައްޔިތުންނާއި ގައުމު އެހާ ނިކަމެތި ހާލަތުގައި އޮތްވައި، ސޫޓް ތުރުކުރައްވައިގެން އުޅުއްވުމަކީ ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި ޒެލެންސްކީ ދެކެއެވެ.
ޒެލެންސްކީ ލައިގެން ހުންނަ ހެދުމަކީ ޔުކްރެއިންގެ ހިތްވަރާއި، އެއްބައިވަންތަކަން ދައްކުވައިދޭ އެއްޗެކެވެ. އަދި އެއްވެސް ފަރާތަކުން ކުރުމަތި ކުރުވާ ބިރުދެއްކުމަކަށް ބެލުމެއްނެތި ކުރިއަށްދާނެކަން ދޭހަކޮށްދޭ ކަމެކެވެ. މީގެ އިތުރުން، އޭނާގެ ހެދުމަކީ އާންމު ރައްޔިތުންނާ އެކުގައި އެއް ހަމައެއްގައި ހުރިކަން ދައްކުވައިދޭ ނިޝާނެކެވެ
ހަނގުރާމަ ނިމެންދެން ރަސްމީ ހެދުން ނުލާނެކަމަށް ޒެލެންސްކީ ނިންމި ނިންމުމަކީ، ދުނިޔޭގެ އެހެން ލީޑަރުންނަށްވެސް ނަމޫނާއެކެވެ. މިއީ ރަޝިއާ-ޔުކްރެއިން ހަނގުރާމައިގެ ބިރުވެރިކަމާއި، ބައިނަލްއަޤްވާމީ އެހީތެރިކަމުގެ ބޭނުންތެރިކަން ދައްކުވައިދޭ ހަރުދަނާ މެސެޖެކެވެ. މިއީ ޤައުމުގެ އެންމެ މަތީ ވެރިޔާ ރައްޔިތުންނާއެކު އެއްސަފެއްގައި ތިބެންޖެހޭކަން ދައްކުވައިދޭ ރަމްޒީ ނިންމުމެކެވެ. އަދި ޤައުމު ދަތި ހާލަތެއްގައި އޮންނައިރު، ވެރިން ތިބެންވާނީ ރައްޔިތުންނާ އެއްހަމައެއްގައިކަން ދުނިޔޭގެ އެހެން ލީޑަރުންނަށް ދައްކުވައިދޭ ފިލާވަޅެކެވެ.