”ދެކުން ކުރުން“: އިޖްތިމާއީ ގުޅުމާއި އެއްބައިވަންތަކަން އާލާކުރުމުގެ ނަމޫނާ އާދަކާދައެއް

އިހުޒަމާނުގައި ފުވައްމުލަކުގައި ބޮޑެތި މަސައްކަތްތައް ކުރަމުންދާއިރު ”ދެކުން“ ކުރުމަކީ އާންމު އާދައެކެވެ. ދެކުން ކުރަނީ މަސައްކަތް ކުރުވާ ފަރާތުގެ ގާތްތިމާގެ މީހަކު ނުވަތަ ރަހުމަތްތެރިއެކެވެ. މިސާލަކަށް އޮޑިދޯނިފަހަރު ބަނުން، ގެދޮރު އިމާރާތްކުރުން، މިސްކިތް އިމާރާތްކުރުން، އަވަށު މަގުތައް ސާފުކުރުން އަދި މި ޒަމާނުގައިނަމަ ބޯޓުފަހަރު ބަނުން، ބަނދަރު ހެދުމާއި، އެއާޕޯޓްް ހެދުމާއި، މަގުތަށް ރަނގަޅު ފެންވަރަކަށް ހެދުން ފަދަ މަސައްކަތްތަކަށް ދެކުން ކުރެވެއެވެ. މި އާދައިގެ ނަން ”ދެކުން“ އައިސްފައިވަނީ މަސައްކަތް ގިނަ ބަޔަކަށް ދައްކާލެވޭތީއެވެ.
ދެކުން ކުރެވެނީ އެކި މިންވަރަށެވެ. އެންމެ ފުރިހަމަ ދެކުމެއްގައި،ކުރީ ޒަމާނުގައި ބޭނުންކުރެވުނު ދެފުރޮޅުލީ ގާޑިޔާއެއް ބޭނުންކުރެވެއެވެ. މި ގާޑިޔަލުގައި ދިވެހި ރުކެއް، ފަންވަތުން ވިޔެފައިވާ ބޮޑު ދޫންޏެއް، ބެރުޖަހައި ލަވަކިޔާ ގުރޫޕެއް އަދި މީރުކޮށް ކައްކާފައިވާ ބޮޑިބަތް ފަރިވަޅެއް ބަހައްޓާފައި ހުރެއެވެ.
ގާޑިޔާގެ ފަހަތުން ދެކުމުގެ ސަފު އެތުރިފައި އޮންނައިރު، ސަފުގައި ތިބެނީ ބޮޑެތި އަންހެނުންނާއި އަންހެން ކުދިންނެވެ. ސަފު އެތުރިފައިވަނީ މަގުގެ އެއްކައިރީގައި، އެކަކުގެ ފަހަތުގައި އަނެކަކު ހުންނަ ގޮތަށެވެ. ސަފުގައި ތިބޭ މީހުން އަތުގައި ލޯމަލާ ފަތް ނުވަތަ ރީތި ކަރުދާސް ފޮށި ހުރެއެވެ. މީގެ އިތުރުން ހެދިކާ، ބިލަތް، ފޯ، އަތަރު، ސައިބޯނި، މޫނުގައި ޖަހާ ފުށް، ހެދުންކަނޑާ ފޮތި އަދި އަނބު، ފޭރު، ނާރިނގު ފަދަ މޭވާތައްވެސް ގެންދެއެވެ.
ދެކުމުގެ ސަފު އަތުރައި ނިމުމުން، ގާޑިޔާ ދަމާ މީހުން ސަފުގެ ކުރިއަށް އަރައި، ސަފުގައި ތިބި މީހުން ކުރިއަށް ހިނގައިގަނެއެވެ. މަޑުމަޑުން ހިނގަމުން ގޮސް ދެކުން ކުރާ ތަނާ ހަމަވާއިރު، އެތަނުގައި މަސައްކަތްކުރާ މީހުން ތިބެނީ ދެކުން ބަލައިގަތުމަށް ތައްޔާރުވެގެންނެވެ. ގާޑިޔާގައި ހުންނަ ބޮޑިބަތް ފަރިވަޅާއި މީހުން ގެންނަ ހުރިހާ ތަކެތި ދައްކާލުމުން ދެކުން ކޮށް ނިމުނީއެވެ.
ދެކުމާ ބެހޭ ހުރިހާ އިންތިޒާމެއް ހަމަޖައްސަނީ ދެކުން ކުރާ މީހާއެވެ. ދެކުމުން ލިބޭ ތަކެތި މަސައްކަތްތެރިންގެ މެދުގައި ބަހާއިރު، ގްރޫޕްގެ ވެރިމީހާއަށް ދެބައި ނަގައި، ކޮންމެ މީހަކަށް އެއްބައި ލިބެއެވެ. ދެކުމެއް ކުރެވިއްޖެނަމަ، އެ މަސައްކަތެއްގެ އަގުން ބައެއް ކެނޑޭނެއެވެ.
މިހާރު ކުރާ ދެކުންތަކުގައި ސަފު އެތުރުމެއް ނޯވެއެވެ. ދަމާ ގާޑިޔާގެ ބަދަލުގައި ޕިކަޕް ފަދަ އުޅަނދުތައް ބޭނުންކުރެވެއެވެ. މި ބަދަލާއެކު، ކުރީގެ ދެކުންތަކުގައި ފެންނަން ހުރި ގިނަ ސަގާފީ ކަންކަން ވަނީ ގެއްލިފައެވެ. ނަމަވެސް، ފުވައްމުލަކު އެއާޕޯޓް ތަރައްޤީ ކުރެވުނު ދުވަސްވަރު އާއީ ފުވައްމުލަކުގެ މަގުތަކުގައި ތާރައަޅަމުން ދިޔަ ދުވަސްވަރު ފުވައްމުލަކު ރައްޔިތުން ވަނީ، ”ދެކުން “ ކޮެއްފައެވެ.
އެހެންނަމަވެސް، މި ބާވަތުގެ އާދަކާދަތައް ދަނީ ދުވަހެއް ދުވަހަކަށް ނެތެމުންނެވެ. މިއީ ދިވެހި މުޖުތަމަޢުގެ ބަދަލުވަމުންދާ ސިފައެކެވެ. ނަމަވެސް، މި އާދަކާދައިގެ މުހިންމުކަން ހަނދާންކޮށްލުން މުހިންމެވެ.
އިހުޒަމާނުގައި ދެކުމަކީ ވަރަށް ޝައުޤުވެރިކަމާއެކު ކުރެވުނު ކަމެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ މުޖުތަމަޢުގެ އެކި ފަރާތްތައް ގުޅުވައިލުމާއި، ވަރުގަދަ އެކުވެރިކަމެއް އުފެއްދުމެވެ. މި ގުޅުމުގެ ސަބަބުން، ދިރިއުޅުމަށްޓަކައި ކުރެވޭ ބޮޑެތި މަސައްކަތްތައް ކާމިޔާބުކަމާއެކު ނިންމުމަށް މަގުފަހިވިއެވެ.
މި އާދަކާދައިގެ ތެރެއިން ފެންނަނީ އޭރުގެ މުޖުތަމަޢުގެ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެހީތެރިކަމުގެ ރޫހެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން މުޖުތަމަޢުގެ ގުޅުން ބަދަހިވެ، އިޖުތިމާޢީ ރައުސުލްމާލު އިތުރުވެގެން ދިޔައެވެ.
ނިންމާލަމުން ދަންނަވާނީ، ދެކުމަކީ ހަމައެކަނި އާދަކާދައެއްގެ ގޮތުގައި ނޫން، މުޖުތަމަޢުގެ އެކުވެރިކަމާއި ގުޅުން ބަދަހިކުރުމުގެ ވަސީލަތެއްގެ ގޮތުގައި ބެލެވިދާނެ ކަމެކެވެ. މިފަދަ ސަގާފީ ކަންކަމުގެ އަގު ވަޒަންކޮށް، އޭގެ މަޤްޞަދުތައް މިއަދުގެ ޒަމާނާ ގުޅޭގޮތަށް ތަރުތީބުކުރުމަކީ ވިސްނާލަންޖެހޭ ކަމެކެވެ.