ފާރޫޤު އަޙުމަދު: ބަދަހި ފުވައްމުލަކަކަށް ”ހުވަފެންފުޅު“ ދެކުނު ދުރުވިސްނޭ ޚިދުމަތްތެރިޔާ
ދިވެހި ދައުލަތަށާއި ފުވައްމުލަކަށް 41 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚްލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި، ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ (ގުލްޒާރުގޭ) އަލްމަރްޙޫމް ފާރޫޤު އަޙުމަދަކީ ފުވައްމުލަކުގެ ތާރީޚުން ދުވަހަކުވެސް ފޮހެވިގެންދާނެ ޝަޚުޞިއްޔަތެއް ނޫނެވެ. އޭނާއަކީ ހަމައެކަނި އަތޮޅުވެރިކަން ކުރެއްވި ހިންގުންތެރިއެއް ނޫނެވެ. އެއީ ރަށުގެ މުސްތަޤްބަލު ބައްޓަންކުރަން ފޮނި ހުވަފެންތަކެއް ދެކެވަޑައިގެން، އެކަންކަން ޙަޤީޤަތަކަށް ހެއްދެވުމަށް އަމަލީގޮތުން އަތްކުރިއޮޅާލެއްވި ވަރުގަދަ ލީޑަރެކެވެ.
މި ނަމޫނާ ޝަޚުޞިއްޔަތު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވުމާ ގުޅިގެން، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ފާރޫޤު އަޙުމަދުގެ ދިގު ޚިދުމަތުގެ ދަތުރާއި، އޭނާ ރަށަށް ގެނެސްދެއްވި އިންގިލާބީ ބަދަލުތަކަށް ވަރަށް ފުންކޮށް އަލިއަޅުއްވާލައްވާފައެވެ.
ވަސީލަތްތަކެއް ނެތް ޒަމާނެއްގައި ދެއްކެވި ސާބިތުކަން
ފާރޫޤު އަޙުމަދު ދައުލަތުގެ ހިންގުމުގެ ދާއިރާގައާއި ފުވައްމުލަކުގެ އަތޮޅުވެރިކަމުގެ އިސް މަޤާމުތަކުގައި މަސައްކަތް+ޕުޅު ކުރެއްވީ މިޒަމާނުގެ އިދާރީ ފަސޭހަތަކާއި ޓެކްނޮލޮޖީގެ އާލާތްތައް އުފަންވުމުގެ މާ ކުރިންނެވެ. ލަފާފުރުމުގެ ރަނގަޅު ބަނދަރެއް، މުވާޞަލާތީ ނިޒާމެއް، ނުވަތަ ފަސޭހަ ދަތުރުފަތުރުގެ ވަސީލަތްތަކެއް އޭރު ނެތެވެ.
ނަމަވެސް، އެފަދަ ދަތި އުނދަގޫ މާޙައުލެއްގައިވެސް ފާރޫޤާއި އޭރުގެ ރަށުގެ ވެރިން މަސައްކަތްކުރެއްވީ ފަސްޖެހުމެއް ނެތް ވަރުގަދަ އަޒުމަކާއެކުގައެވެ.
ބަނދަރާއި އެއާޕޯޓުގެ ހުވަފެން ހަގީގަތަކަށް ހެއްދެވި ބާނީ

މިއަދު ފުވައްމުލަކުގެ ރައްޔިތުން އެ ބޭނުންކުރާ ޒަމާނީ ބަނދަރާއި، ދަތުރުފަތުރުގެ މައިނާރު ކަމަށްވާ އެއާޕޯޓަކީ އޭގެ ފަހަތުގައި ފާރޫޤު އަޙުމަދުގެ ބޮޑު ހިއްސާއެއް އޮތް ކަންކަމެވެ. ފުވައްމުލަކުގައި ލަފާފުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް އޭނާ ކުރެއްވި ދިގު މަސައްކަތްޕުޅާއި، ރަށަށް އެއާޕޯޓެއް ހޯއްދެވުމަށް ކުރެއްވި އުންމީދުތަކަކީ އަޅުގަނޑުމެނަށް ފެންނަން އޮތް ހަގީގަތްތަކެކެވެ.
ރަށެއްގެ ޙާލަތަށް ހެޔޮ ބަދަލެއް ގެނައުމަކީ އެތައް އަހަރުތަކަކާއި ދަހަރުތަކެއް ނަގާނެ ކަމެކެވެ. މާޒީގެ ތެރެއަށް ދާ ކިތަންމެ ލީޑަރުންނަކަށް އަމިއްލަ މަސައްކަތުގެ ފޮނި މޭވާ ބަލައިލުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، ފާރޫޤަކީ ރަށަށް ހެޔޮ ބަދަލު ގެނައުމަށް ފޮނި އުންމީދުތަކާ އެކު ބުރަ މަސައްކަތް ކުރެއްވި، ކުރީގެ ވެރިންގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ޝަޚުޞިއްޔަތެވެ.
ޚުލްޤުހެޔޮ، އޯގާތެރި ވެރިއެއް އަދި ފަންނުވެރިއެއް
ޚިދުމަތްތެރި ވެރިއެއްގެ އިތުރުން، ފާރޫޤު އަޙުމަދަކީ ފާހަގަކޮށްލެވޭ ފަންނުވެރިއެކެވެ. އޭނާއަކީ ކުޅަދާނަ ލިޔުންތެރިއެއް، ޅެންވެރިއެއް އަދި ތާރީޚަށް ބޮޑު ލޯތްބެއް ކުރެއްވި ބޭފުޅެކެވެ. ރަށުގެ އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ މައްޗަށް އޭނާ ހައްދަވާފައިވާ ”ހުވަފެންފުޅު“ ޅެމަކީ، ބަދަހި ފުވައްމުލަކަކަށް އޭނާ ކުރެއްވި އުންމީދުތައް ރަމްޒުކޮށްދޭ ހެއްކެކެވެ. މިއީ ”ފަތްތޫރަ“ ފަދަ ގައުމީ މަޖައްލާތަކުގައި ޝާއިއުކުރެވި، ދިވެހި އަދަބީ ތާރީޚުގައި ބަލައިގަނެވިފައިވާ މަސައްކަތްތަކެކެވެ.
ދެމިގެންދާނެ ލެގަސީއެއް
ރަށަށްޓަކައި ފާރޫޤު ކުރެއްވި ބުރަ މަސައްކަތްޕުޅުގެ އަގު ވަޒަންކޮށް، އަންނަން އޮތް ޖީލުތަކަށް މިފަދަ ބޭބޭފުޅުންގެ ވާހަކަތައް ވާޞިލު ކޮށްދޭންޖެހެއެވެ.