ފުވައްމުލަކުގައި ކޮންމެ 10 ކައިވެންޏަކަށް 12 ވަރި!
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2023 ވަނަ އަހަރުން ފެށިގެން 2025 ވަނަ އަހަރުގެ ނިޔަލަށް އެ ރަށުގައި ކައިވެނިކުރި އަދަދަށްވުރެ ވަރިވި އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. މި ތިން އަހަރުގެ ތެރޭގައި ކޯޓަށް ހުށަހެޅޭ ވަރީގެ މައްސަލަތަކާއި ސާބިތުވާ ވަރީގެ އަދަދު ހުރީ ކައިވެނީގެ ނިސްބަތަށްވުރެ މަތީގައެވެ.
ކޯޓުގެ ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ފުވައްމުލަކުގައި 104 ކައިވެނި ކުރެވުނުއިރު، އެ އަހަރު 147 ވަރި ހުށަހަޅައި 117 ވަރި ވަނީ ސާބިތުވެފައެވެ. އަދި 2024 ވަނަ އަހަރު ކައިވެނީގެ އަދަދު 86 އަށް ދަށްވި ނަމަވެސް، އެ އަހަރު ކޯޓުން ސާބިތުކޮށްދިން ވަރީގެ އަދަދު ވަނީ 123 އަށް މަތިވެފައެވެ.
ނިމިދިޔަ 2025 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެ އަހަރު ފުވައްމުލަކުގައި ކުރެވިފައިވަނީ 115 ކައިވެންޏެވެ. ނަމަވެސް އެ އަހަރު 147 ވަރީގެ މައްސަލަ ކޯޓަށް ހުށަހަޅާފައިވާއިރު، ޖުމްލަ 125 ވަރި ވަނީ ސާބިތުވެފައެވެ. މިއީ ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ރަށުގައި އެންމެ ގިނަ އަދަދަކަށް ވަރި ސާބިތުވި އަހަރެވެ.
ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ހާމަކޮށްފައިވާ މި ހިސާބުތަކުން ފާހަގަވަނީ، ކޮންމެ އަހަރަކުވެސް ކައިވެނި ކުރެވޭ އަދަދަށްވުރެ ވަރިވާ މިންވަރު އިތުރުވަމުންދާ ކަމެވެ. މިގޮތުން 2023 އިން 2025 އަށް ކުރެވުނު ޖުމްލަ 305 ކައިވެންޏާ އަޅާބަލާއިރު، އެ މުއްދަތުގައި 365 ވަރި ވަނީ ކޯޓުން ސާބިތުކޮށްދީފައެވެ.