ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ސިއްހަތު

0

No products in the cart.

ސާއިމް މޫސާ

ވިސްނުމާއި ފިކުރު

ތާރީޚާއި އާދަކާދަ

ސިޔާސަތު

އުފެއްދުންތެރި ޚިޔާލު

ސިއްހަތު

ބްލޮގް ޕޯސްޓުތައް

މިނިވަން ނޫސްވެރިކަމަކީ ސަރުކާރުގެ ކަންކަމާއި، ވެރިންގެ ނިންމުންތަކާއި، އަމަލުތައް އޮޅުމެއްނެތި އާންމުންނަށް ހާމަކޮށްދޭ މަގު

ސެޕްޓެމްބަރ 15، 2025 Uncategorized
މިނިވަން ނޫސްވެރިކަމަކީ ސަރުކާރުގެ ކަންކަމާއި، ވެރިންގެ ނިންމުންތަކާއި، އަމަލުތައް އޮޅުމެއްނެތި އާންމުންނަށް ހާމަކޮށްދޭ މަގު

ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި އެންމެ މުހިންމު އެއް ތަނބަކީ ޑިމޮކްރަސީގެ 4 ވަނަ ތަނބުކަމުގައިވާ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެވެ. މި ދެ މިނިވަންކަމަކީ ކޮންމެ ވެރިކަމަކަށްވެސް ހަގީގީ ޑިމޮކްރަސީއެއް ގާއިމުކުރުމަށްޓަކައި ވަރަށް މުހިންމު ދެ އަސާސެވެ. އެހެންނަމަވެސް، ދުނިޔޭގެ އެތައް ގައުމުތަކެއްގައި، ގައުމުތަކުގެ ވެރިން މި މިނިވަންކަމަށް ޖެހިލުންވެ، ބިރުގަންނަ މަންޒަރު ފެނެއެވެ.

ގައުމުތަކުގެ ވެރިން ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ޖެހިލުންވާން މައިގަނޑު ސަބަބަކީ، އެ މިނިވަންކަމަކީ ވެރިންގެ އަމަލުތަކަށް އާންމުންގެ ފާރަވެރިކަން އިތުރުކޮށް، ޖަވާބުދާރީވުން މަޖުބޫރުކުރުވާ ކަމަކަށް ވާތީއެވެ. މިނިވަން ނޫސްވެރިކަމަކީ ސަރުކާރުގެ ކަންކަމާއި، ވެރިންގެ ނިންމުންތަކާއި، އަމަލުތައް އޮޅުމެއްނެތި އާންމުންނަށް ހާމަކޮށްދޭ ދޮރެކެވެ. ވެރިންނަށް ކުށްކުރެވޭ، ނުވަތަ އެކަށީގެންނުވާ އަމަލުތައް ހިންގޭ ހާލަތްތަކުގައި، މިނިވަން ނޫސްވެރިކަމުގެ ސަބަބުން އެކަންކަން ފަޅާއަރައި، އެ މީހުންގެ ވެރިކަމުގެ ބާރަށް އަސަރުކުރާނެ ކަމުގެ ބިރުވެރިކަން އުފެދެއެވެ. މީގެ އިތުރުން، ވެރިން ބިރުގަންނަނީ އެމީހުންގެ ބާރު ނެތިގެން ދާތީއާއި، އެމީހުން ހަދާ ގޯސްތަކާއި، ހިޔާނާތްތަކާއި، ވައްކަން ފަޅާއަރާނެތީއެވެ. މިކަމުގެ ސަބަބުން، ވެރިން ބޭނުންވަނީ މައުލޫމާތު ފެތުރުން ކޮންޓްރޯލްކޮށް، އެމީހުންގެ މައްޗަށް ހެޔޮ ތަސްވީރެއް އާންމުންގެ ކުރިމަތީގައި ދެމެހެއްޓުމަށެވެ.

މިނިވަން ނޫސްވެރިކަން ކޮންޓްރޯލް ކުރުމުގެ ނަތީޖާ ހިތިވާނެކަން ދުނިޔޭގެ ތާރީހު ހެކިދެއެވެ.މިނިވަން ނޫސްވެރިކަމުގެ އަޑު ކަނޑާލެވުމުން، ހަގީގަތް ހާމަކުރާނެ މަގެއްނެތި، ދޮގު ޚަބަރު ފެތުރުން އިތުރުވެގެންދެއެވެ. ޚަބަރުތައް ސެންސަރުކުރެވި، މައުލޫމާތުގެ ހުސްކަމެއް އުފެދިގެން ދާނަމަ، އެ ހުސްކަން ފުރުމަށް ދޮގު މައުލޫމާތާއި، ފަރުދާގެ ފުރަގަހުގައި ތިބެ ފަތުރާ ޕްރޮޕަގެންޑާތައް މުޅި މުޖުތަމަޢުގައި ފެތުރިގެންދެއެވެ. މިކަމުގެ ސަބަބުން އާންމުންނަށް ތެދާއި ދޮގު ދެނެގަތުން ދަތިވެ، ސަރުކާރާއި މީޑިއާއަށް އޮންނަ އިތުބާރު ގެއްލި، މުޖުތަމަޢުގައި ނުތަނަވަސްކަން އުފެދިގެންދެއެވެ.

ދުނިޔޭގެ އެކި ގައުމުތަކުން، ޚާއްސަކޮށް ޑިމޮކްރެޓިކް ނޫން ގައުމުތަކުގައި، ވެރިން މީޑިއާ ކޮންޓްރޯލް ކުރުމަށްޓަކައި އެތައް މަސައްކަތެއް ކޮށްފައިވާނެއެވެ. ބައެއް ގައުމުތަކުގައި ސަރުކާރުން ނޫސްތައް ގަންނައިރު، އަނެއް ބައި ގައުމުތަކުގައި ނޫސްވެރިންނަށް ބިރުދައްކައި، ޖަލަށްލައި، ނުވަތަ މަރާލައިފައިވެސް ވެއެވެ. މިސާލަކަށް، ޗައިނާ އާއި ރަޝިއާ ފަދަ ބޮޑެތި ގައުމުތަކުގައި، އެ ގައުމުތަކުގެ ވެރިން މީޑިއާގެ މައްޗަށް ބޮޑު ކޮންޓްރޯލެއް ބާއްވައެވެ. ޗައިނާގެ ސަރުކާރުން ”ގްރޭޓް ފަޔަރވޯލް“ ފަދަ އިންޓަރނެޓް ސެންސަރުގެ ނިޒާމުތައް ބޭނުންކޮށް، ބޭރުގެ ޚަބަރުތަކާއި މައުލޫމާތުތައް އެތެރެއަށް ވަނުން ހުއްޓުވައެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު އިންޓަރނެޓް ސެންސަރުގެ މަސައްކަތް ކުރަމުންދެއެވެ. ރަޝިއާގައި ވެރިކަން ކުރާ ފަރާތްތަކުން ސަރުކާރުގެ މީޑިއާއަށް ނުފޫޒު ފޯރުވައި، މިނިވަން ނޫސްވެރިކަމަށް ހުރަސްއަޅައި، ގާނޫނުތައް ބޭނުންކޮށްގެން ނޫސްވެރިންނާއި މީޑިއާ އައުޓްލެޓްތަކަށް ފިޔަވަޅު އަޅައެވެ.

ދުނިޔޭގެ ތާރިހަށް ބަލާލާއިރު ހިޓްލަރުގެ ޖަރުމަނު އާއި ސްޓާލިންގެ ސޯވިއެޓް ޔޫނިއަން ފަދަ ވެރިކަންތަކުގައި، ޕްރޮޕަގެންޑާ ފެތުރުމަށް މީޑިއާ ބޭނުންކޮށް، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ނެތިކޮށްލާފައިވެއެވެ. މިފަދަ ވެރިން، އެމީހުންގެ ޚިޔާލުތައް އާންމުންގެ ތެރެއަށް ފަތުރައި، ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުގެ އަޑު ކަނޑާލުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް، މިފަދަ މަސައްކަތްތަކުގެ ނަތީޖާއަކަށް ވަނީ، ކުރު މުއްދަތަކަށް ވެރިންނަށް އެމީހުން ބޭނުންވާ މަގުސަދު ހާސިލުވިޔަސް، ދިގު މުއްދަތުގައި އެ ގައުމުތަކުގައި އިންސާނީ ހައްގުތައް ހަނިވެ، ވެރިކަން ބައިނަލްއަގްވާމީ މިންގަނޑުތަކުން ދަށްވެ، ރައްޔިތުންގެ މެދުގައި ނުރުހުން އުފެދި، ބައެއް ފަހަރު ސިޔާސީ ނުތަނަވަސްކަން ބޮޑުވެގެން ދިޔުމެވެ. މިނިވަންކަން ހަނިކުރުމަކީ ހަމަ ކޮންމެ ވެރިކަމަކަށްވެސް ނޭދެވޭ ނަތީޖާއެއް ގެނެސްދޭނެ ކަމެކެވެ.

ހަގީގަތުގައިވެސް، ނޫސްވެރިންނަކީ ސަރުކާރުގެ މައްޗަށް ހިފާލާފައިވާ ”ފާރަވެރިން“ ފަދަ ބައެކެވެ. އެމީހުންގެ މަސައްކަތަކީ ސަރުކާރުގެ ކަންކަމުގައި ހާމަކަން ބޭއްވުމާއި، އާންމު ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރުމެވެ. މިނިވަން ނޫސްވެރިކަން ނެތިއްޔާމު، ވެރިންނަށް އެމީހުން ބޭނުންހާ ގޮތަކަށް ޢަމަލުކުރެވޭނެ، އެއްވެސް ފަރާތަކަށް ޖަވާބުދާރީވުމަކާ ނުލައެވެ. މިކަމުގެ ސަބަބުން ކޮރަޕްޝަން އާންމުވެ، ނާޖާއިޒު ފައިދާތައް ނެގުން އިތުރުވެ، ގައުމުގެ ހަމަޖެހުމާއި ތަރައްގީއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެގެންދެއެވެ.

އެހެންކަމުން، ވެރިން ނޫސްވެރިކަމުގެ މިނިވަންކަމަށް ޖެހިލުންވަނީ އެއީ އެމީހުންގެ ވެރިކަމުގެ އާރައި ބާރަށް އޮތް ނުރައްކަލެއް ކަމަށް ދެކޭތީއެވެ. ނަމަވެސް، ހަގީގަތުގައި މިނިވަން ނޫސްވެރިކަމަކީ، ދެމިހުންނަނިވި އަދި ހަމަޖެހޭ ވެރިކަމެއް ގާއިމުކުރުމަށްޓަކައި އެންމެ މުހިންމު އެއް ވަސީލަތެވެ. މިނިވަން ނޫސްވެރިކަމަކީ ވެރިންނަށް ރަނގަޅު މަގު ދައްކައިދީ، ގައުމާއި ރައްޔިތުންނަށްޓަކައި ބޭނުންތެރި ނިންމުންތައް ނިންމުމަށް އެހީތެރިވެދޭނެ ކަމެކެވެ. ޑިމޮކްރެޓިކް ހަމަތަކަށް ބޯލަބާނަމަ، ވެރިންނަށް ޖެހޭނީ ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކޮށް، އެ ކަމަށް ފުރުސަތު ދިނުމަށެވެ. އެއީ ގައުމުގެ ކުރިމަގަށްޓަކައި އެންމެ ފައިދާހުރި ގޮތެވެ.

Write a comment