ބާރު ލިބުމުން ބަސް ބަދަލުވުން: ސިޔާސީ ދާއިރާގެ ބޮޑު ކެންސަރު
އިންސާނާގެ އަޚްލާޤީ މިންގަނޑު ކިރާލެވޭ އެންމެ މުހިންމު ތަރާދަކީ އެމީހަކު ދައްކާ ވާހަކައާއި ކުރާ އަމަލާ ހުރި ގުޅުމެވެ. ވަކިން ޚާއްޞަކޮށް، ޤައުމެއްގެ އިސް މަޤާމުތަކާ ހަވާލުވެވަޑައިގަންނަވާ ވެރިންގެ ބަހާއި އަމަލު ސީދާވުމަކީ ރައްޔިތުންގެ އިތުބާރާއި، ދައުލަތުގެ ހަމަޖެހުމާ ގުޅިފައިވާ ކަމެކެވެ. ނަމަވެސް، ބާރު ލިބުމާއެކު ދެއްކި ވާހަކަ ބަދަލުވެ، ވެފައިވާ ވައުދުތަކަށް ފުރަގަސްދިނުމަކީ މިއަދު ސިޔާސީ ދާއިރާއަށް ޖެހިފައިވާ އެންމެ ނުރައްކާތެރި ”ކެންސަރެވެ”.
ސިޔާސީ އިލްމުގެ ނަޒަރުގައި، ޖޯން ލޮކް ފަދަ ފަލްސަފާވެރިން ބަޔާންކުރައްވާ ގޮތުގައި، ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ވެރިންނަށް ހަވާލުކުރެވޭ ”އަމާނާތެކެވެ”. މި އަމާނާތް ހިފެހެއްޓޭނީ ވެރިޔާ ދައްކާ ވާހަކައާއި ކުރާ އަމަލު ސީދާވެގެންނެވެ. މިއީ ވެރިއަކާއި ރައްޔިތުންނާ ދެމެދު އޮންނަ ”އިޖުތިމާއީ އަހުދުނާމާ“ (Social Contract) ދެމެހެއްޓުމުގެ އަސާސެވެ.
ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުން ފެންނަނީ މިއާ މުޅިން ތަފާތު މަންޒަރެކެވެ. ވެރިކަމަށް އައުމަށްޓަކައި ވެރިން ވާ ވައުދުތަކާއި އަހުދުތަށް ވެރިކަމުގެ ބާރު މުށުތެރެއަށް އެރުމާއި އެކު ހަދާންނެތިދެއެވެ. ކެޔޮ ގަޑު ކަނޑާލީމައި ގަހުގެ ބޭނުން ނުވާނެއޭ ބުނާ އުސޫލުންނެވެ.
ސިޔާސީ ނަޒަރިއްޔާތެއް ކަމަށްވާ ”ޕޮލިޓިކަލް ރިއަލިޒަމް“ (Political Realism) ގައި ނިކޯލޯ މަކިއެވެލީ ބަޔާންކުރާ ގޮތުގައި، ވެރިކަން ހޯދުމަށްޓަކައި މަކަރާއި ހީލަތް ހެދުމަކީ ބައެއް ވެރިންގެ އުސޫލެކެވެ. ނަމަވެސް، މިފަދަ ބަލިމަޑުކަމެއް ސިޔާސީ ދާއިރާގައި ފެތުރުމަކީ ޤައުމަކަށް ކުރާނެ ނޭދެވޭ އަސަރުތައް އިންތިހާއަށް ބޮޑުވާނެ ކަމެކެވެ. މިގޮތުން:
އިތުބާރުގެ ބަލިމަޑުކަން (Crisis of Trust): ރައްޔިތުން ދައުލަތުގެ މުއައްސަސާތަކަށް ކުރާ އިތުބާރު ގެއްލި، ޤައުމުގެ އެއްބައިވަންތަކަން ގެއްލިގެންދެއެވެ. ވެރިން ބަސް ބަދަލުކުރުމުން، ދައުލަތުގެ ނިންމުންތަކަށް ރައްޔިތުން ކުރާ އިހުތިރާމް ކުޑަވެއެވެ.
ލެޖިޓިމަސީ ނުވަތަ ސަރުކާރުގެ ސައްހަކަން ގެއްލުން: ވެރިއެއްގެ ބަހާއި އަމަލު ދިމާނުވާ ނަމަ، ރައްޔިތުންގެ ކުރިމަތީގައި އެ ސަރުކާރެއްގެ އަޚްލާޤީ ސައްހަކަން ގެއްލިގެންދެއެވެ. މިއީ ދައުލަތުގެ ބިންގާ ރޫޅިގެން ދިއުމުގެ ފެށުމެވެ.
އިޖުތިމާއީ ހަލަބޮލިކަން: ބޯހިޔާވަހިކަން ފަދަ އަސާސީ ހައްޤުތަކާ ގުޅޭގޮތުން ވެވޭ ވައުދުތަކަށް އަމަލުނުކުރުމަކީ، މުޖުތަމައުގައި ނުތަނަވަސްކަމާއި ފިތުނަ އުފެދި، ޤައުމުގެ ހަމަޖެހުން ގެއްލޭނެ ކަމެކެވެ.
އަމަލާއި ބަހާއި ދިމާވުމަކީ ވެރިކަމުގެ އަމާނާތް ރައްކާތެރިކުރުމުގެ އެންމެ މުހިންމު ރުކުނެވެ. ރައްޔިތުންގެ ކުރިމަތީގައި ވެވަޑައިގެންނެވި ވައުދުތައް ހަނދާން ނައްތާލައި، ބާރު ލިބުމުން ބަސް ބަދަލުކުރުމަކީ ޤައުމުގެ މުސްތަޤުބަލު ބަލިކަށިކޮށްލާ ”ކެންސަރެކެވެ”. ތެދުވެރިކަމާއި އަމާނާތްތެރިކަމަކީ ކޮންމެ ވެރިއެއްގެ ކިބައިގައި ހުންނަންޖެހޭނެ އެންމެ އަސާސީ ސިފައެވެ.